a
ރަސޫލާ
(ސ.) އަށް ނިސްބަތްކޮށް ލިޔެފައިވާ ސިޓީގެ ހަޤީގަތް
މިލިޔުމުގައި ބަޔާންވެގެންވަނީ މިސިޓީއާބެހޭގޮތުން
މިއުއްމަތުގެ ބޮޑެތި ބައެއް ޢިލްމުވެރިން ދެއްވާފައިވާ ފަތަވާގެ ތަރުޖަމާއެވެ.
މިލިޔުމުގައި ޤުރުއާނުގެ އާޔަތްތަކާއި ﷲ ގެ އިސްމުފުޅު ލިޔެފައިވާތީ މިލިޔުން
ބިންމައްޗަށް އުކާ ނުލުމަށް އެދި ނަސޭހަތްތެރިވަމެވެ. އަދި ވީހާވެސް ގިނަ
ބަޔަކަށް މިލިޔުން ހިއްސާކޮށް ދެއްވުމަށް އެދެމެވެ.
|
ﷲ ވަހީ ކުރެއްވިއެވެ.
.....ۖ فَاسْأَلُوا
أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ﴿٧
سورة الأنبياء
"ފަހެ، ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ، ޢިލްމުގެ އަހުލުވެރިންނާ
ސުުވާލު ކުރާށެވެ!"
ޝެއިޙް
އަބްދުލް ޢަޒީޒް އިބްން ބާޒް (ރަހިމަހުﷲ) ވިދާޅުވިއެވެ:
އަޅުގަނޑުމެން
މި ދޮގު ސިޓީގެ ވާހަކަ މީގެ ކުރިން އެތައް އަހަރެއް ވަންދެން އެތައް ފަހަރަކު އަޑު
އެހީމެވެ. މިސިޓީ އަކީ އާންމު މީހުންގެ ތެރޭގައި ދުވަސް ދުވަސް ކޮޅުން ފެތުރޭ ސިޓީ
އެކެވެ. މިހެން ފެތުރޭ މިސީޓީ ގެ ބަސްމަގު އެކި ފަހަރު ތަފާތެވެ. ނަމަވެސް
ލިޔުންތެރިޔާ (ކޮންމެ ސިޓީ އެއްގައިވެސް) ބަޔާން ކުރަނީ އޭނާ ރަސޫލާ (ﷺ) ހުވަފެނުގައި ފެނި، އެކަލޭގެފާނު މީހުންނަށް
ހިއްސާ ކުރުމަށް ބުނި ބަސްތަކެއްގެ ވާހަކައެވެ. ސިޓީ ލިޔުނު ދޮގުވެރިޔާ މިފަދަ
ދޮގު އިބާރާތްތައް ބޭނުން ކޮއްގެން ބާތިލް ތަފާތު ދަޢުވާތަކެއް ކޮއްފައިވެއެވެ. މީގެ
ކުރިން މި ސިޓީ އަޅުގަނޑުގެ ސަމާލު ކަމަށް އައިސް މީގެ ދޮގު ކަމުގެ ވާހަކަ
އަޅުގަނޑު ވަނީ މީހުންނަށް ބަޔާން ކޮއްދީފައެވެ. ނަމަވެސް މިސިޓީ އެންމެ ފަހަކަށް
ނިކުތް އިރު އެކަމާ ބެހޭ ގޮތުން މާ ބޮޑު އެއްޗެކޭ (ކުރިން) ނުބުނެ ހުރީ ދޮގުވެރިޔާ
ދޮގު ހެދުމަށް ޖެހިލުން ކުޑަކަމާ ހުށިޔާރު ކަމުންނެވެ. އަދި ބޮޑަށްލަފާ ވީ ދީނުގެ
ޢިލްމު ކިރިޔާ ވެސް ހުރި މީހެއް ނަމަ މި ސިޓީ އެމީހަކު އޮޅުވައި މަގު ނުފުރެއްދޭނެ
ކަމަށެވެ.
ނަމަވެސް ވަރަށް
ގިނަ އަޙުން ވަނީ މިސިޓީގެ ސަބަބުން މީހުން މަގު ފުުރެދޭ ވާހަކަ އަޅުގަނޑަށް
ބަޔާން ކޮށްފައެވެ. އަދި މިސިޓީ ބަހައި އޭގައި ލިޔެފައިވާ ވާހަކަތައް ގަބޫލު ކުރާ
ކަމަށް ވެސް ޙަބަރު ލިބުނެވެ. މިހެން މިކަން ވުމުގެ ސަބަބުން މީހުން މަގުފުރެދި
ހިނގައިދާނެތީ އަޅުގަނޑުމެން ޢިލްމުވެރިން މިކަމާމެދު ލިޔެ، މިސިޓީގެ ދޮގުކަން
މީހުންނަށް ހާމަކޮށް އޭގައި ވަނީ އަޅުގަނޑުމެންގެ ނަބިއްޔާ މުހައްމަދު (ﷺ) މައްޗަށް ހަދާފައިވާ ދޮގުތަކެއް ކަމަށް
މީހުންނަށް ހާމަ ކުރަން ޖެހޭނެކަން ވިސްނުނެވެ. ދީނުގެ ޢިލްމު ކިރިޔާވެސް ހުރި
އީމާން ކަމުގެ އަހުލުވެރިން މިފަދަ ސިޓީ ކިޔާލުމާއެކު އޭގެދޮގުކަން އެތައް
ގޮތަކަށް އިހުސާސް ވެގެން ދާނެއެވެ.
މިސީޓީގައި
ހުވަފެން ފެނުނު ކަމަށް ބަޔާން ވެފައިމިވާ ޝެއިޙް އަހުމަދު މިވަގުތު ދުނިޔޭގައި
ނެތުމުގެ ސަބަބުން އަޅުގަނޑު ޝެއިޙް އަހުމަދުގެ އާއިލީ މީހަކާ މިސިޓީ އާ ބެހޭ
ގޮތުން ސުވާލު ކުރުމުން އެނާ އެއީ ޝެއިޙް އަހުމަދު އާ ބެހޭ ގޮތުން ހަދާފައިވާ ބޮޑު
ދޮގެއް ކަމަށް ބަޔާން ކުރިއެވެ. ނަމަވެސް މިސާލަކަށް ޝެއިޙް އަހުމަދު، ނުވަތަ
އިޔަށްވުރެން ތަގުވާވެރި ބޭކަލަކު މިފަދަ ގޮތަކަށް ހޭލާ ހުރެ، ނުވަތަ ނިދާފަ އޮވެ
ރަސޫލާ (ﷺ) ގެ ހުވަފެނެއްފެނި މިފަދަ ނަސޭހަތްތަކެއް ދިނަސް އެއީ ދޮގުކަން
ޔަގީން ވާ ވަރަށްގިނަ ސަބަބުތައް އެބަހުއްޓެވެ. ތިރީގައި ބަޔާން ވެގެން ވަނީ މީގެ
އެއް ސަބަބެވެ.
ރަސޫލާ (ﷺ) ދުނިޔޭގައި ހުންނެވި އިރު ހައްގު ބަހެއް
މެނުވީ ހަދީޘް ނުކުރައްވައެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނު އަވަހާރަވުމަށް
ފަހުވެސް މެއެވެ. ސިޓީގައި އިސްލާމީ ޝަރީއަތާ ފުށު އަރާ ވަރަށް ގިން ކަންތައް
އެބަހުއްޓެވެ. މިލިޔުމުގައި މި ކަންތަކަށް އިތުރަށް އަލި އަޅުވާލެވޭނެއެވެ.
ހުވަފެނެއްގައި ރަސޫލާ (ﷺ) ފެނުމަކީ
އެކަށީގެންވާ ކަމެކެވެ. އަދި އެކަލޭގެފާނު ހުވަފެނުގައި ފެނުނު މީހަކަށް ހަމަ
އަސްލުވެސް އެ ފެނުނީ އެކަލޭގެފާނެވެ. މިކަން ސައްހަ ހަދީޘް އަކުން ސާބިތު ވެއެވެ.
ނަމަވެސް އެކަލޭގެފާނުގެ އަސްލު ސިފަފުޅުގައި ނުވަތަ އެހެން ސިފައެއްގައި ފެންނަ
މީހާގެ ހުރިހާ ކަމެއް ބިނާ ވެގެން ވަނީ އެހުވަފެން ފެންނަމީހާގެ އީމާން ކަމާއި،
އިޙްލާސް ތެރިކަމާއި، ރިވެތި އަޙްލާގާއި، (ބުނާ ބަހުގެ) ތެދުކަމާއި،
ދީންވެރިކަމާއި އަދި ތެދުވެރިކަމަށެވެ. ރަސޫލާ (ﷺ)
ހަޔާތްޕުޅުގައި (އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް) އެކަލޭގެފާނު ކުރެއްވި
ހަދީޘްއެއް ރިވާ ކުރާ ބޭކަލަކީ އިތުބާރު ނުކުރެވޭ ބޭކަލެއް ނަމަ އެ ހަދީޘް
ގަބޫލެއް ނުކުރެވޭނެއެވެ. ނުވަތަ އެ ހަދީޘް އަކީ އިތުބާރު ހިފޭ ބޭކަލުންތަކެއް
ރިވާ ކުރެއްވި ހަދީޘް އަކަށް ވިޔަސް، އެއަށް ވުރެން އިތުބާރު ހިފޭ ބޭކަލަކު
އެހަދީޘްއާ ފުށުއަރާ އެހެން ހަދީޘް އެއް ރިވާ ކުރައްވާފައި އޮތް ނަމަ، ކުރީގެ
ހަދީޘް ޝަރީއަތުގައި ގަބޫލެއް ނުކުރެވޭނެއެވެ. އަދި ފަހުން ރިވާކުރެވުނު ހަދީޘްގެ
ސަބަބުން ކުރީގެ ހަދީޘް މަންސޫޚް ވެގެން ދެއެވެ. އަދި ފަހުން ރިވާކުރެވުނު ހަދީޘް
ގެ މައްޗަށް އަމަލު ކުރުން ހާލަތާއި ވަގުތައް ރިއާޔަތް ކޮށް ޝަރުއު ވެގެން ދެއެވެ.
މިހެން
މިކަން އޮތް އިރު، ގޮތް ނޭނގޭ އިތުބާރު ނުހިފޭ ފަރާތަކުން ރަސޫލާ (ﷺ) ރިވާ ކުރެއްވި ކަމަށް ބަސްތަކެއް ކަމަށް ބުނެ
ލިޔެފައިވާ ސިޓީ ގަބޫލު ކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ މިހާލަތުގައި، ސިޓީ
ގައި ޝަރީއަތާއި (ޤުރުއާނާއި ސުންނަތާއި) ފުށާއަރާ ކަމެއް ނެތަސް އޭގައި
ލިޔެފައިވާ ކަންތައް ގަބޫލު ކުރުމެއް ނުވެއެވެ. ނަމަވެސް މިސިޓީ ގައި އިސްލާމީ
ޝަރީއަތާ ފުށުއަރާ އެތައް ކަމެއް ހުރުމާއި ރަސޫލާ (ﷺ) ގެ މައްޗަށް އެތައް ދޮގެއް ހަދާފައި ހުރުމުގެ
ސަބަބުން (ކުރިން ބަޔާން ކުރެވުނު ހާލަތްތަކަށް ރިއާޔަތް ކޮށް) މިސިޓީ ބަލައިގަނެވޭނި
ކޮންފަދައަކުންތޯއެވެ؟ ރަސޫލު ﷲ (ﷺ) ހަދީޘް
ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ވިދާޅުނުވާ ބަސްތަކެއް ބުނެ ތިމަން
ކަލޭގެފާނުގެ މައްޗަށް ދޮގެއް ހަދައިފިމީހާ، ނަރަކައިން ޖާގައެއް
ހޯދައިފިއެވެ."
(ޝެއިޙް
އިބްން ބާޒް (ރަހިމަހުﷲ) ގެ ބަސްފުޅު ނިމުނީ...)
އައްދަޢުވާ
މެގަޒިންގެ އިޝޫ ނަމްބަރ 1082 ގައި ސައުދީގެ މަޝްހޫރު
އިލްމުވެރިއެއް ކަމަށް ވާ ޝެއިޙް ސާލިހް އަލް ފައުޒާން
މިސިޓީގެ ނުރައްކާތެރިކަމާމެދު
ވަނީ އިންޒާރުދީ ލިޔުއްވާފައެވެ. ތިރީގައިވަނީ ޝެއިހް ގެ ބަސްކޮޅުގެ ތަރުޖަމާއެވެ.
މިދޮގު ސިޓީ
އަކީ (މީހުން ގެ ތެރޭ ދައުރުވާތަން) ވަރަށް ޒަމާން ވެފައިވާ ސިޓީއެކެވެ. މިސިޓީ
އެންމެ ފުރަތަމަ އާންމުވީ މީގެ 80
އަހަރު
ކުރިން މިސްރުގައެވެ. އަދީ (އޭރުގެ ބޮޑެތި) އިލްމުވެރިން ވަނީ މިސިޓީ އަށް
ރައްދުދީ މިސިޓީގެ ބާތިލް ކަން މީހުންނަށް ހާމަކޮއްފައެވެ. އަދި މިސިޓީގައި ވާ
ބާތިލް ދޮގުތައް ވަކި ވަކިން ފާހަނގަ ކޮއްފައިވެއެވެ. މީގެތެރެއިން އެއް
އިލްމުވެރިއަކީ ޝެއިޙް މުހައްމަދު ރަޝީދް ރިދާ އެވެ. އެސިޓީ އަށް ރައްދު
ދެއްވަމުން ޝެއިޙް ވިދާޅުވީ:
"އަޅުގަނޑު
މެން (މިސީޓީ އާމެދު ކުރެވުނު) ސުވާލަށް ޖަވާބު ދިނީ ހިޖުރައިން 1322 ވަނަ އަހަރު އެވެ. އަޅުގަނޑުމެން ލިޔަން ކިޔަން ދަސްކޮށް
އުޅުނު ޒަމާނުގަވެސް މިސިޓީއާ ވައްތަރަށް ލިޔެފައިވާ ސިޓީއެއް ދުށީމުއެވެ.
އެހުރިހާ ސިޓީއެއްވެސް ނިސްބަތް ކޮށްފައި ހުރީ ރަސޫލާ (ﷺ) ގެ ގަބުރުފުޅުގެ ސެކިއުރިޓީ ބަލަހައްޓަން
ހުރި ޝެއިޙް އަހުމަދު އޭ ކިޔުނު މީހަަކަށެވެ. މިސިޓީ އަކީ އެއްވެސް ޝައްކެއް ނެތް
ގޮތުގައި ބޮޑު ދޮގެކެވެ. އަދި ދީނުގެ އިލްމުގެ ކުޑަ މިންވަރެއް ވެސް ހުރިމީހެއް
ނަމަ މިކަމާ ދެބަހެއް ނުވާނެއެވެ. ނަމަވެސް މިސިޓީ ގަބޫލު ކުރާ ގިނަ މީހުންނަކީ
ދީނުގެ ޢިލްމު ނެތް އާންމު މީހުންނެވެ."
އެއައްފަހަށް
ޝެއިޙް ވަނީ މިސިޓީގެ ދޮގު ކަމާމެދު ވަރަށް ދިގުކޮށް އަދި ތަފްސީލު ކޮށް
ލިޔުއްވާފައެވެ. (ނަމަވެސް ހިތާމައަކީ) ދީނުގެ ޢިލްމު ނެތް ގިނަ މީހުންވަނީ
(މިސިޓީ ނުބަހައިފި ނަމަ، ނުވަތަ ވީދާލައިފި ނަމަ) ދިމާވެދާނެ ނުރައްކާތެރި
ކަންކަމުގެ އިންޒާރަށް ބިރުން، (އިތުރު ކޮޕީތައް ހައްދައި) ބަހާފައެވެ. ސަބަބަކީ
މިސިޓީ ލިޔުނު ނުބައި މީހާ ބަޔާން ކޮއްފައި ވަނީ މިވެނި ވަރަކަށް ސިޓީގެ ކޮޕީ
ހެދުމަށް ފަހު އެސިޓީ ތައް ބަހައިފި މީހަކަށް އެމީހަކު ބޭނުންވާ އެއްޗެއް ލިބޭނެ
ކަމަށެވެ. އަދި އެމީހަކީ ފާފަ ވެރިއެއް ނަމަ ﷲ އެމީހެއްގެ ފާފަތައް ފުއްސަވައި، ވަޒީފާ
ނެތް މީހެއް ނަމަ މަތީ މަގާމެއްގެ ވަޒީފާ ލިބި، ދަރަނި ވެރިއެއް ނަމަ ދަރަނި އަދާ
ކުރާނެ މަގު ފަހިވެގެން ދާނެ ކަމަށެވެ. އަދި އެސިޓީގައިވާ ކަންކަމަށް އީމާން ނުވާ
މީހަކު ނިކަމެތިވެ އެވެނި މިވެނި ގޯސް މުސީބާތްތައް އެމީހަކަށްޖެހޭނެ ވާހަކައެވެ.
ދީނުގެ ޢިލްމު ނެތް އާންމު މީހުން މިސިޓީ ކިއުމަށް ފަހު ބިރުން، އަދި އޭގައި
ބަޔާން ކުރާ އުފާވެރި ކަންކަމުގެ ދަހިވެތިކަމުގައި ސިޓީގެ ކޮޕީތައް ހައްދައި
ބަހައެވެ. ދުނިޔޭގެ ބޮޑެތި ޢިލްމުވެރިން ވަނީ މިސިޓީގެ ދޮގުކަން ބަޔާން ކޮށް
މީހުންނަށް ނަސޭހަތް ތެރިވެފައެވެ. މިޢިލްމުވެރިންގެ ތެރޭގައި ޝެއިޙް އަބްދުލް
ޢަޒީޒް އިބްނު ބާޒް ވަނީ ވަރަށް ފުރިހަމައަށް މިސިޓީ އަށް ރައްދު ދެއްވައި މީގައި
ހުރި ދޮގު ތައް ބަޔާންކޮށް ދެއްވާފައެވެ. މިސިޓީ ބާތިލް ވާ ވަރަށް ގިނަ ސަބަބުތައް
އެބަހުއްޓެވެ. މީގެ
ބައެއް ސަބަބު ތައް ތިރީގައި ވަނީ ބަޔާން ކުރެވިފައެވެ.
1 . ދީނުގެ ހުކުމްތަކާއި، އިންޒާރާއި
އުފާވެރިކަމުގެ ޙަބަރާއި، މުސްތަގުބަލުގައިވާނެ ކަންތައް އެނގެން އޮންނާނެ ހަމަ
އެކަނި
ވަސީލަތަކީ އަޅުގަނޑުމެންގެ ނަބިއްޔާ މުހައްމަދު (ﷺ) އަށް ﷲ ވަހީގެ ޒަރިއްޔާއިން ދެއްވި ޙަބަރު
ތަކުންނެވެ. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވުމަށްފަހު މި ވަހީވަނީ މެދު
ކެނޑިފައެވެ. އެހާހިސާބަށް ﷲ ވަނީ ރަސޫލާ (ﷺ) މެދުވެރި
ކުރައްވައި އިސްލާމްދީން ފުރިހަމަ ކުރައްވާފައެވެ. އަޅުގަނޑުމެންނަށް ވަނީ
ޤުރުއާނާއި ހަދީޘް ވާރުތަވެފައެވެ. ހިދާޔަތެއްގެ ގޮތުގައި މި މިންވަރު ފުދެއެވެ.
ނަމަވެސް ހުވަފެން ފަދަ ތަކެއްޗަކީ ދީނުގެ ހުކުމްތައް ކަނޑައެޅޭނެ އެއްޗެއް
ނޫނެވެ. ސަބަބަކީ ގިނަ ހުވަފެން ތަކަކީ ޝައިތާނާ މީހުން މަގުފުރެއްދުމަށްޓަކައި
ދައްކާ ދަޅަތަކެކެވެ. މިސިޓީލިޔުނު ދޮގުވެރިޔާ ވަނީ ސިޓީގައިވާ ކަންކަމަށް އީމާން
ވާނަމަ ސުވަރުގެ ހާސިލްވާނެެ ކަމުގެ ޙަބަރު ދީފައެވެ. އަދި އެސިޓީ ދޮގުކޮށްފިމީހަކު
ނިކަމެތިކަމާއެކު ނަރަކަ ވަންނަންޖެހޭނެ ކަމަށް ބަޔާން ކޮއްފައެވެ. މިއީ އާ ދީނެއް
އުފެއްދުމެވެ. އަދި ﷲ އާއިމެދު ބޮޑުވެގެންވަ ދޮގެއް ހެދުމެވެ.
2 . މިސިޓީ ލިޔުނު ދޮގުވެރިޔާ ވަނީ މިސިޓީ އަކީ
ޤުރުއާނަށްވުރެ މަތީ އަދި ކަރާމާތްތެރި އެއްޗަކަށް ހަދާފައެވެ. ސަބަބަކީ
ޤުރުއާނުގެ ކޮޕީ ހައްދައިގެން އެކިގައުމުތަކަށް ބެހީމަވެސް ނުލިބޭވަރަށް ސަވާބާއި
ކަރާމަތްތައް މިސިޓީ ބަހާމީހަކަށް ލިބޭނެ ކަމަށް ސިޓީ ލިޔުނު ދޮގުވެރިޔާ ދަޢުވާ
ކުރާތީއެވެ. މުސްލިމެއްގެ ހާލުގައި ހުރެ ޤުރުއާނުގެ ކޮޕީ ނެހެއްދިޔަސް އެމީހަކު
ޤިޔާމަތް ދުވަހުން ރަސޫލާ (ﷺ) ގެ ޙާއްސަ
ޝަފާއަތުން މަޙްރޫމު ނުވެއެވެ. ދެން ކިހިނެއްތޯ އެ ދޮގު ވެރިޔާ ބަޔާން ކުރާ
ފަދައިން މުސްލިމަކަށްވެ ހުރެ މިސިޓީގެ ކޮޕީ ނަހައްދާ މީހަކު އެކަލޭގެފާނުގެ
ޝަފާއަތުން މަޙުރޫމުވާނީ؟
3 . މިސިޓީ ގައި ޣައިބުގެ ޙަބަރު އެނގޭ ކަމަށް
ދައުވާ ކޮށްފަ އެބަހުއްޓެވެ. ސަބަބަކީ އޭގައި "ހުކުރު ދުވަހު 6000 މީހުން މަރުވެ، އޭގެ ތެރެއިން އެކަކުވެސް ސުވަރުގެ
ނުވަންނަ" ކަމަށް ލިޔެފައިވާތީއެވެ. ޣައިބުގެ ކަންތައްތަކަކީ ﷲ ފިޔަވާ އެހެން
އެއްވެސް ފަރާތަކަށް އިނގޭ ކަމަކަށް ނުވެފައި، މި ސިޓީ ލިޔުނު ދޮގުވެރިޔާ މިވަނީ
ޣައިބުގެ ކަމެއް އެނގޭ ކަމަށް ދައުވާ ކޮއްފައެވެ. އިސްލާމް ކަންމަތީ މަރުވާ
މީހުންނާއި ކުފުރުގެ މަތީ މަރުވާ މީހުންގެ އަދަދު އެނގުމަކީ ހަމަ އެކަނި ﷲ އަށް
ލިބިގެން ވާ ޢިލްމެކެވެ. މިފަދަ ޢިލްމެއް އެނގޭ ކަމަށް ދައުވާ ކުރާމީހާ ދީނުން
ބޭރުވާނެއެވެ. އަދި އެފަދަ މީހަކީ ﷲ އަށް އީމާންވާ މީހެއް ނޫނެވެ.
4 . ދުނިޔޭގައި އަދި އާޙިރަތުގައި ލިބޭ ސަވާބާއި
ޢަޒާބުގެ މިންވަރާއި އުސޫލުތައް އެނގެން ހުރީ ޤުރުއާނާއި ރަސޫލާ (ﷺ) ގެ ސުންނަތުގައި އެކަންޏެވެ. ސިޓީ ލިޔުނު
ދޮގުވެރިޔާ ވަނީ އެސިޓީއަށް އީމާންވެ މީހުންނަށް އިތުރު ކޮޕީ ދިން މީހަކަށް ހެޔޮ
ކަންތަކާ ސަވާބު ހުރިކަމުގެ ވާހަކަ ލިޔެފައެވެ. އަދި އެ ސިޓީ ގައި ހުރި އެއްޗިހި
ގަބޫލު ނުކުރާ މީހެއް ނަމަ އެމީހަކަށް ޢަޒާބު ލިބޭނެ ކަމަށް ދައުވާ ކޮއްފައެވެ.
ނަމަވެސް ﷲ ގެ ކުޅަދުންވަންތަކަމުން މި ދޮގުވެރިޔާގެ ދޮގު ވަނީ ފަޅާއަރާފައެވެ.
ސަބަބަކީ މިިސިޓީ ދޮގުކުރިމީހުންނަށް ހެޔޮނޫން ކަމެއް ހާސިލް ނުވެއެވެ. އަދި އެ
ސިޓީ އަށް އީމާންވެ ފަތުރަން އުޅުނު މީހުންނަށް ކަންބޮޑުވުމާއި
ގެއްލުން
ނޫންކަމެއް ދިމާ ނުވެއެވެ.
މިހުުރިހާ
ކަމެއްގެ އިތުރުން ގިނަ މީހުން އޭނަ ދައްކާ ދޮގުވާހަކަ ގަބޫލު ކުރާނެހެން، އޭނާ
ވަނީ ތަކުރާރުކޮށް ﷲ ގަންދީ ހުވާ ކޮށް، ތިމަންނަމިއީ އިޙްލާސްތެރި މީހެކޭ ބުނެ،
ތިމަންނަ މި ހަދަނީ ދޮގު ކަމުގައި ވާނަމަ އިސްލާމްދީން ނޫން އެހެން ދީނެއްގެ މަތީ
ތިމަންނަގެ މަރު ހިއްޕުމަށް އެދި ދުޢާ ކޮއްފައެވެ. އޭނާ ގެ މަގުސަދަކީ ތިމަންނަ
އިސްލާމްދީން ދެކެ ލޯބި ވާކަން މީހުންނަށް ދައްކައި، ފާފައާއި ނުބައި ކަންކަމަށް
ނަފުރަތުކުރާކަން ދެއްކުމެވެ. މިގޮތުން މީހުންގެ އިތުބާރު އޭނައަށް ލިބި، މީހުން
އޭނަ އެ ދައްކާ ވާހަކަ ގަބޫލު ކުރަން ފެށީއެވެ.
މިއީ ވަރަށް
ވެސް މަކަރުވެރި ހީލަތްތެރި ރޭވުމެކެވެ. އަދި މިއީ އެސިޓީ ލިޔުނު މީހާގެ ހުރި
ޖާހިލު ކަމާ މޮޔަ ކަމުން އޭނަ ކުރި ކަމެކެވެ. ގިނަ ގިނައިން ހުވާ ކުރުމަކީ މީހާގެ
އިޙްލާސްތެރިކަމުގެ ދަލީލެއް ނޫނެވެ. ދޮގު ހުވާ ކުރުމަކީ މީހުން މަގުފުރެއްދުމަށް
ދޮގުވެރިން ވަރަށް ގިނައިން ކޮށްއުޅޭކަމެކެވެ. އިބްލީސް ވެސް ވަނީ އާދަމްގެފާނާއި
ހައްވާގެފާނުގެ ގާތުގައި މި ބީދައިން ދޮގު ހުވާ ކޮއްފައެވެ.
وَقَاسَمَهُمَا
إِنِّي لَكُمَا لَمِنَ النَّاصِحِينَ ﴿٢١
މާނައީ:
"އަދި އެކަލޭގެ (އިބްލީސް) ހުވާކޮށް، އެދެކަނބަލުންނަށް ދެންނެވިއެވެ.
ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ ނަސޭހަތްދޭ މީހުންގެ
ތެރެއިން ކަން ކަށަވަރެވެ." (ސޫރަތުލް އަޢުރާފް 21 ވަނަ
އާޔަތް)
އަދިވެސް ﷲ
އެކަލާނގެ ނަބިއްޔާ (ﷺ) އަށް ވަހީ
ކުރެއްވިއެވެ.
وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ
﴿١٠
"އަދި ގިނަގިނައިން
ހުވާ ކޮށްހަދާ، އިހާނާތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު
ކިޔަމަންވެވަޑައި ނުގަންވާށެވެ!" (ސޫރަތުލް ޤަލަމް 10 ވަނަ އާޔަތް)
އަދިމީގެ
އިތުރުން މުނާފިގުންނަކީ ކަނޑައެޅިގެން އެނގި ތިބެ ދޮގު ހުވާ ކުރާބައެއްކަން ﷲ
ވަނީ އަންގަވާފައެވެ. އެކަލާނގެ ވަހީ ކުރައްވަނީ:
وَلَيَحْلِفُنَّ إِنْ أَرَدْنَا إِلَّا
الْحُسْنَىٰ ۖ وَاللَّـهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ ﴿١٠٧
"ހެޔޮގޮތް
މެނުވީ ތިމަންމެން ގަސްދެއް ނުކުރަމުއޭ ކިޔައި އެއުރެން ހުވާ ކުރާނޭކަން
ކަށަވަރެވެ. ހަމަކަށަވަރުން، އެއުރެންނަކީ ދޮގުހަދާބައެއްކަމަށް، ﷲ ހެކި ވޮޑިގެންވެތެވެ."
(ސޫރަތުއް ތައުބާ 107 ވަނަ އާޔަތް)
މިފަދަ
ގޮތަކަށް ފިރުޢައުނުވެސް އޭނާގެ ގައުމުގެ މީހުން މަގުފުރައްދާ އޮޅުވާލުމައްޓަކައި
އަދި މޫސާގެ ފާނަށް ތަބާވެދާނެތީ ތިމާގެ އިޙްލާސްތެރިކަން ދެއްކުމައްޓަކައި
ބަސްތަކެއް ބުނިއެވެ.
نِّي أَخَافُ
أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِي الْأَرْضِ الْفَسَادَ ﴿٢٦
"އެކަލޭގެފާނު
ތިޔަބައި މީހުންގެ ދީން ބަދަލު ކުރައްވައިފާނެކަމަށް ނުވަތަ ބިމުގައި ފަސާދަވެރިކަން
ފަތުރުއްވައިފާނެ ކަމަށް ތިމަން ބިރުގަނެއެވެ." (ސޫރަތުލް ޤާފިރް 26 ވަނަ އާޔަތް)
ނަސޭހަތްދޭ
ތިމާގެ ދީންވެރިކަންދައްކާ ކޮންމެ މީހަކީ އިޙްލާސްތެރިމީހަކަށް ނުވެ
ހިނގައިދާނެއެވެ. (މާނައަކީ އެމީހަކު އެދޭ ނަސޭހަތަކީ ޤުރުއާނާއި ހަދީޘްއާއި ފުށުއަރާ
ކަމަކަށް ވެގެން ނުވުމެވެ.) ޤުރުއާނާއި ހަދީޘްގައިވާ ފާފަތަކުގެވާހަކަ ތަކާއި
އެފާފަތައް ކުރުމުން ލިބޭ ޢަޒާބު ގެ ވާހަކަތައް އީމާން ކަމުގެ އަހުލުވެރިންނަށް
ފުދެއެވެ. (އިތުރަށް ހަދަހަދައިގެން ވާރިދުވާ ޣައިބުގެ އެއްވެސް ޙަބަރެއް ގަބޫލެއް
ނުކުރެވޭނެއެވެ.) މިފަދަ ދޮގު ސީޓިތައް
މީހުންގެ ތެރޭ ޢާންމު ކުރުމުގެ މަގްސަދަކީ ކޮބައިބާވައޭ ބައެއްބޭފުޅުންގެ
ހިތައް އަރާފަނެއެވެ. އެމީހާ އެކަން ކުރުމަށް ހިއްވަރު ލިބުނީ ކިހިނެއް ބާވައޭ
ހިތައް އަރާފާނެއެވެ.
މީގެ އެންމެ
ބޮޑު އެއްމަގުސަދަކީ މީހުން ކީރިތި ޤުރުއާނާއި ހަދީޘްއިން ހިތް ދުރައްޖައްސާ
ބާތިލް ބޯދާ ވާހަކަ ތަކެއް ގަބޫލު ކުރުންމަތީ މީހުން ބޭތިއްބުމެވެ. މީހުން މިފަދަ
ބޯދާ ވާހަކަތަށް ގަބޫލު ކުރަން ފަށައިފި ނަމަ، އޭނާ އަށް މިފަދަ އިތުރު ދޮގު
ފަތުރަން ފުރުސަތު ލިބިގެން ދާނެއެވެ. އަދި އޭނާ އުފައްދާ ދޮގު ތަކުގެ ސަބަބުން
މީހުން މަގުފުރެދި ދީނުން ބޭރުވެގެން ހިނގައިދާނެއެވެ. ކޮންމެ މުސްލިމަކުވެސް
ޤުރުއާނާއި ރަސޫލަގެ ސުންނަތުގައި ވަރުގަދައަށް ހިފާފައި ހުރެއްޖެނަމަ މިފަދަ
ޝައިތާނީ މަޅިތަކުގައި ޖެހުމަކީ ވަރަށް ދުރު ކަމެކެވެ. ނަމަވެސް ޤުރުއާނާއި
ސުންނަތް ދޫކޮށް މިފަދަ ދޮގު ވާހަކަ ތަކުގައި ހިފަން ވެއްޖެނަމަ މަގުފުރެދިގެން
ހިނގައިދާނެއެވެ. މުސްލިމުން މަގުފުރެއްދުމައްޓަކައި މިސިޓީ ތައްޔާރު ކޮށް ބަހާ
ކާފަރުންގެ ޖަމާއަތެއް އޮތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިކަން މިހެން
ބަޔާންމިކުރީ، މިސިޓީ އެކި ސިފަސިފައިގައި (ދުނިޔޭގެ އެކި ކަންކޮޅުތަކުގައި)
އެނބުރެމުންދާތާ މިހާރު ގަރުނެއް ވެފައިވާއިރު، މިސިޓީ އަސްލު ލިޔުނު މީހާ
ދުނިޔޭގައި ހުރުން ދުރުކަމަކަށްވާއިރުވެސް ދުވަސް ދުވަސް ކޮޅުން މިސިޓީ
އާންމުވަމުން އަންނާތީއެވެ. އެހެން ކަމުން މިފަދަ ނުރައްކާތެރި ކަންކަމަށް ވަރަށް
ބޮޑަށް ސަމާލުވުމަށް އެންމެހާ މުސްލިމުންނަށް ނަސޭހަތްތެރިވަމެވެ. މިފަދަ
ލިޔުންތައް މީހުންގެ ތެރޭ ކޮޕީ ހައްދައި ބެހުމުން ދުރުހެލިވާށެވެ. އަދި ދީނުގެ
ކަމަކާމެދު ސުވާލެއް އޮތިއްޔާ ލަސްނުކޮށް ދީނީ ޢިލްމުވެރިންގެ ލަފާ ހޯދާށެވެ. ﷲ ގެ
އަދުއްވުން (ކާފަރުންނާއި މުނާފިގުންނާއި ޖިންނި ޝައިތާނުން) އަބަދުވެސް
މަސައްކަތް ކުރަމުން ދަނީ މީސްތަކުން ހައްގު މަގުން އެއްކިބާކޮށް އެހެން
ދީންތަކަށް ވެއްދުމައްޓަކައެވެ. އެމީހުން މިކަމަށްޓަކައި ތައުރާތާއި އިންޖީލު
ބަދަލު ކުރި ފަދައިން ޤުރުއާން ބަދަލު ކުރަން މަސައްކަތް ކުރެއެވެ. ނަމަވެސް ﷲ
ވަނީ އެކަލާނގެ ފޮތް ޤުރުއާން ރައްކާތެރި ކުރައްވާނެ ކަމުގެ ޙަބަރު ދެއްވާފައެވެ.
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا
لَهُ لَحَافِظُونَ ﴿٩
"ހަމަކަށަވަރުން،
ޤުރުއާން ބާވައިލެއްވީ، ތިމަން ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން،
ތިމަންރަސްކަލާނގެ، އެ ޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ." (ސޫރަތުލް
ހިޖްރް 9 ވަނަ އާޔަތް)
لَّا يَأْتِيهِ
الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ
﴿٤٢
މާނައީ "އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް
އެފޮތަކަށް ބާތިލް ކަމެއް ނާންނާނެތެވެ. އެއީ ހަމްދު ލިބިވޮޑިގެންވާ ހަކީމްވަންތަ
ރަސްކަލާނގެއ ހަޟުރަތުން ބާވައިލެއްވި ފޮތެކެވެ." (ސޫރަތުލް ފުއްސިލަތް 42 ވަނަ އާޔަތް)
ﷲ ވަނީ މިފަދަ ދޮގުވެރިންގެ ކިބައިން ރަސޫލާ (ﷺ) ގެ ސުންނަތް ރައްކާ ކުރެއްވުމައްޓަކައި
(ކޮންމެ ޒަމާނެއްގައިވެސް) ދީނުގެ ބޮޑެތި ޢިލްމުވެރިން ލައްވާފައެވެ.
މިިބޭކަލުންގެ އަބަދުވެސް މަސައްކަތަކަށްވީ މިފަދަ ދޮގުވެރިން ހަދާ ދޮގުތަކުން
ޤުރުއާނާއި ސުންނަތް ރައްކާކުރެއްވުމެވެ. މިކަމަށްޓަކައި އެބޭކަލުން ހަދީޘް ސައްޙަ
ކުރުމުގެ މިންގަޑު ތަކެއް ހަމަޖައްސަވައި ސައްޙަ ހަދީސްތައް ވަކިން
ޖާމާކުރެއްވިއެވެ. އަދި ބާތިލް ދޮގު ހަދީޘްތައް ވަކިން ޖަމާކުރެއްވުމައްފަހު މީހުންނަށް
އެހަދީޘްތަކާއި ބެހޭގޮތުންް ބަޔާން ކޮއްދެއްވިއެވެ. މިހެން މިކަން ކުރަންޖެހުނީ ﷲ
ގެ އަދުއްވުންނަށް ސީދާ ޤުރުއާންއާއި ހަދީޘް ބަދަލު ކުރެވޭ ގޮތެއް ނުވީމަ، ދީނުގެ
ޢިލްމު މަދު އާންމު މީހުންނަށް ހުވަފެން ތަކުގެ ވާހަކައާއި، ދޮގު ވައުދުތަކުގެ
ވާހަކައިން މަގުފުރައްދަންފެށުމުންނެވެ. މީގެ ސަބަބުން ވަރަށް ގިނަ މީހުން ވަނީ
(ނޭނގުމެއްގެ ތެރޭގައި ތިބެ) ހުރާފީ ކަންކަން ކުރުމާއި ދީނުގައި އެއްވެސް އަސްލެއް
ނެތް ބިދުޢަތައް ކުރުމާއި ޝިރުކުކުރުމުގެ ތެރެއަށް ގެނބި ޢަރަގު ވެފައެވެ.
މިފަދަ
މަގުފުރެދިފައިވާ މީހުންނަކީ ޤުރުއާނާއި ސުންނަތައް ބަރޯސާވާ ބައެއް ނޫނެވެ.
އެހެނެއްކަމަކު އެމީހުން ގެ ގަބޫލުކުރުންތައް ވަނީ ދޮގު ޙުރާފީ ވާހަކަތަކާއި
ހުވަފެންތަކެއްގެ މައްޗަށް ބިނާ ވެފައެވެ. އެމީހުން ސަމާލު ކަމަށްދެނީ ޝައިތާާނާގެ
ވަސްވާހަށް އެކަންޏެވެ. މިއީ ޤުރުއާނާއި ސުންނަތް ދޫކޮއްލުމުގެ ސަބަބުން
އެމީހުންނަށް ﷲ ޖެއްސެވި އުޤޫބާތެވެ.
وَمَن يَعْشُ
عَن ذِكْرِ الرَّحْمَـٰنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ ﴿٣٦
"ރަހްމާން
ވަންތަ ރަސްކަލާނގެ ހަނދުމަކުރުމުން ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ
ޝައިތޭނެއް ފާކުރައްވާހުށީމެވެ. ފަހެ ޝައިތާނާއާ އޭނާއާ ވަކިނުވެ، އެކުގައި
އުޅޭނެތެވެ." (ސޫރަތުލް ޒަޙްރަފް 36 ވަނަ
އާޔަތް)
އޭ ﷲ ގެ
އަޅުތަކުންނޭވެ! ﷲ އަށް ބިރުވެތިވާށެވެ. އަދި ﷲ ބާވައިލެއްވި ޤުރުއާނާއި ރަސޫލާ (ﷺ) ގެ ސުންނަތުގައި ބާރަށް ހިފަހައްޓާށެވެ. އަދި
ﷲ ގެ އަދުއްވުން ފަތުރާ ބާތިލް ޙަބަރު ތަކަށް ސަމާލުވާށެވެ. ﷲ އަޅަމެން އެންމެނަށް
ޤުރުއާނާއި ސުންނަތައް ޢަމަލު ކުރުމުގެ ތައުފީޤު ދެއްވާށި. އަދި މުހައްމަދު
ރަސޫލުﷲ (ﷺ) އާއި
އެކަލޭގެފާނުގެ އާލުންނާއި އަސްހާބުންނަށް ސަލަވާތާއި ސަލާމް ލައްވާށި. އާމީން.
ފަތަވާގެ އަސްލު (ޢަރަބި): http://islamqa.info/ar/31833
ފަތަވާގެ އަސްލު (އިނގިރޭސި): http://islamqa.info/en/31833